އަޚުލާޤީ މިންގަނޑު

ވޮއިސް އޮފް އައްޑޫ ސިޓީގެ ނޫސްވެރިންނާއި އެޑިޓަރުން ތަބާވާން ޖެހޭ އަޚުލާޤީ މިންގަނޑުތައް ތިރީގައި ވެއެވެ.

  1. ތެދު މަޢުލޫމާތު: ޚަބަރު ގެނެސްދޭނީ ޙަޤީޤަތާ އެއްގޮތަށެވެ. ކުއްލި ޚަބަރުތަކުގައިވެސް، ކަށަވަރު ނުކުރެވޭ ކަންކަން ޝާއިޢު ނުކުރާނެއެވެ.
  2. އިންސާފުވެރިކަމާއި ހަމަހަމަކަން: ދެބަސްވުން ހުރި މައްސަލަތަކުގައި، ގުޅުންހުރި ހުރިހާ ފަރާތެއްގެ ޚިޔާލު އިންސާފުވެރިކޮށް ހިމަނާނެއެވެ.
  3. މިނިވަންކަން: ސިޔާސީ، ވިޔަފާރީ ނުވަތަ ޒާތީ އެއްވެސް ނުފޫޒެއްގެ ދަށުން ޚަބަރު ނުލިޔާނެއެވެ.
  4. ދީނާއި ޤާނޫނަށް އިޙްތިރާމް: ޝާއިޢު ކުރާ ހުރިހާ ލިޔުމެއްގައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް އިޙްތިރާމް ކުރާނެއެވެ. އަދި މަޢުލޫމާތު ހޯދުމުގެ ޢާއްމުންގެ ޙައްޤު ދަމަހައްޓާނެއެވެ.
  5. އޯގާތެރިކަން: ކާރިސާތަކާއި، ޙާދިސާތަކާއި، ކުށުގެ މައްސަލަތަކުގައި ތަކުލީފު ލިބުނު މީހުންނާއި، ހިތާމަވެރި އާއިލާތަކާއި، ކުޑަކުދިންނާ ބެހޭ ޚަބަރުތައް ގެނެސްދޭނީ އޯގާތެރިކަމާއެކުއެވެ. އާއިލާތަކަށް އިތުރު ތަކުލީފެއް ލިބޭ ގޮތަށް އަމަލު ނުކުރާނެއެވެ.
  6. މަޞްދަރު ހިމާޔަތްކުރުން: ސިއްރު ހިފަހައްޓަން އެދޭ މަޞްދަރެއްގެ ނަމާއި، އެ ފަރާތެއް ދެނެގަނެވޭނެ މަޢުލޫމާތު، އެ ފަރާތެއްގެ ރުހުމެއް ނެތި ހާމަ ނުކުރާނެއެވެ.
  7. ފިކުރީ މުދަލުގެ ޙައްޤު: އެހެން ފަރާތްތަކުގެ ފޮޓޯ، ވީޑިއޯ ނުވަތަ ލިޔުން ބޭނުންކުރާނީ ހުއްދަ ލިބިގެން ނުވަތަ ޤާނޫނު ހުއްދަކުރާ ގޮތަށް، ކްރެޑިޓް ދީގެންނެވެ. އެހެން ނޫހެއްގެ މަސައްކަތް ކޮޕީ ނުކުރާނެއެވެ.
  8. ހަދިޔާ: ޚަބަރަށް ނުފޫޒު ފޯރާފާނެ އެއްވެސް ހަދިޔާއެއް، ފައިސާއެއް، ދަތުރެއް ނުވަތަ ޚިދުމަތެއް ޤަބޫލު ނުކުރާނެއެވެ.
  9. މަޞްލަޙަތު ފުށުއެރުން: ޚަބަރަކާ ގުޅޭގޮތުން މަޞްލަޙަތު ފުށުއަރާ ކަމެއް ހުރި މީހަކު، އެކަން އެޑިޓަރަށް އަންގައި، އެ ޚަބަރުގެ މަސައްކަތުން ދުރުވާން ވާނެއެވެ.
  10. ނަފްރަތާއި ގެއްލުން: ނަފްރަތު ނުވަތަ އަނިޔާވެރިކަން ހިތްވަރުދޭ، ނުވަތަ މީހުންގެ އަސްލާއި ހުވިއްޔަތަށް ބަލައި ހަމަލާދޭ އެއްވެސް ލިޔުމެއް ޝާއިޢު ނުކުރާނެއެވެ.