އައްޑޫ ލިންކްރޯޑުގެ މަސައްކަތް ލަސްނުވެ ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ
އައްޑޫ ލިންކްރޯޑުގެ ކޮންޓްރެކްޓަރު މޮބިލައިޒްވެ، މަސައްކަތަށް ބޭނުންވާ މެޝިނަރީ ރަށަށް ގެންގޮސްފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ.
ފަޒްނާ މުޙައްމަދު · · ކިޔުމަށް 1 މިނިޓު
އަކުރުގެ ބޮޑުމިން
ކުލަ
އައްޑޫ ލިންކްރޯޑު ޕްރޮޖެކްޓް ރާވާފައިވާ ގޮތަށް، އެއްވެސް ލަސްވުމެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، އައްޑޫ ލިންކްރޯޑު ޕްރޮޖެކްޓަށް 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވަނީ ކިހާވަރެއްތޯ ހިތަދޫ އުތުރުދާއިރާ މެންބަރ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮންޓްރެކްޓަރު މިހާރު މޮބިލައިޒްކޮށް މަސައްކަތްތައް ކުރިއަށް ގެންދަމުންދާ ކަމަށާއި، މަސައްކަތަށް ބޭނުންވާ މެޝިނަރީތައް ވެސް އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރަށަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ ލިންކްރޯޑުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ބާރަށް ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ޕްރޮޖެކްޓުގެ ބައެއް ސަރުކާރުން ހޭދަކުރާނެ ކަމަށާއި، ބާކީ ބައި ތިން އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ އައްޑޫ ލިންކްރޯޑު ހަމަ ރޭވިފައި އޮތް ގޮތަށް، އެއްވެސް ލަސްވުމެއް ނެތި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޕްރޮޖެކްޓަށް 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ފައިސާގެ އަދަދު، މިނިސްޓަރުގެ ޖަވާބުގައި ހާމަކޮށްދެއްވާފައެއް ނުވެ އެވެ.
މި ޚަބަރަށް ތިޔަބޭފުޅާގެ ޙިއްސު؟
ކޮމެންޓު
މި ޚަބަރަށް އަދި ކޮމެންޓެއް ނެތް.