ޚަބަރު

ބަޖެޓުގައި އައްޑޫގެ މަޝްރޫޢުތަކެއް ނުފެނޭ، ބަޖެޓަށް ވޯޓް ނުދޭނަން: ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޞާދިޤު

ސަރުކާރުން ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ ބަޖެޓުގައި އައްޑޫ ބްރިޖާއި، ހުއްޓިފައިވާ މަޝްރޫޢުތައް ހިމެނިފައި ނުވާ ކަމަށް ބުނެ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޞާދިޤު ވިދާޅުވީ މި ބަޖެޓަށް ވޯޓް ނުދެއްވާނެ ކަމަށެވެ.

Ali Arif · · ކިޔުމަށް 3 މިނިޓު

ޚަބަރު ޝެއާ ކުރައްވާ
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޞާދިޤު
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޞާދިޤު ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައްޑޫ ބްރިޖާއި، އައްޑޫގައި ހުއްޓިފައިވާ މަޝްރޫޢުތައް ހިމެނިފައި ނުވާ ކަމަށް ބުނެ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޞާދިޤު ވިދާޅުވީ މި ބަޖެޓަށް ވޯޓް ނުދެއްވާނެ ކަމަށެވެ.

ޞާދިޤު މި ވާހަކަ ދެއްކެވީ، 18 ނޮވެމްބަރ 2026 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބަޖެޓަށް ވޯޓް ނުދިނުމަށް އެހެން މެމްބަރުންނަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ބަޖެޓާއި ދަރަނި

ޞާދިޤު ވިދާޅުވީ 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލައަކީ 59.7 ބިލިއަން ރުފިޔާ ކަމަށާއި، ބަޖެޓް ކުޑަވެފައި އޮތީ އަންނަ އަހަރު ދައްކަން އޮތް ދަރަނި ކުޑަވުމުގެ ސަބަބުން ކަމަށެވެ. ދައުލަތުގެ ޚަރަދު 52.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، ބަޖެޓުގެ ޑެފިސިޓް 9.4 ބިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަޖެޓް ފޮތުގައިވާ ގޮތުގައި، 2027 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ޞާދިޤު ފާހަގަކުރެއްވިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، ރަށްރަށުގެ ވަކިވަކި މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ މިންވަރެއް ބަޖެޓުން ނޭނގޭ ކަމަށް ޞާދިޤު ވިދާޅުވިއެވެ. "ސިއްރު، ވަންހަނާވެފައި އޮތް ބަޖެޓަކަށް ވެފައި މި އޮތީ،" ޞާދިޤު ވިދާޅުވިއެވެ.

އައްޑޫގެ މަޝްރޫޢުތައް

100 ދުވަހުން އަޅާނެ ކަމަށް ވިދާޅުވި އައްޑޫ ބްރިޖުގެ ވާހަކަ މި ބަޖެޓުން ނުފެންނަ ކަމަށް ޞާދިޤު ވިދާޅުވިއެވެ.

ހިތަދޫގައި ފުލުހުންގެ ސްޓޭޝަނާއި ލައިބްރަރީ ބިނާކުރުމުގެ މަސައްކަތާއި، އިސްލާމިކް މަރުކަޒު، ޖަސްޓިސް ބިލްޑިންގ، އިމިގްރޭޝަނާއި ހިތަދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ޞާދިޤު ވިދާޅުވިއެވެ. ހުޅުދޫ މީދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާތީ ކޯލްޑް ސްޓޯރޭޖުގައި ހުރި މަސް ބޭރުކުރަން ޖެހެނީ ދޯނިތަކުގައި ކަމަށާއި، އޭގެ ސަބަބުން ޚަރަދު އިތުރުވެ މަހުގެ އަގު މައްޗަށް ދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިތަދޫގައި ދިހަ ބުރީގެ އިމާރާތްތަކުގައި 200 ފްލެޓް ބިނާކުރާނެ ކަމަށް ބުނި ނަމަވެސް، ބަޖެޓް ފޮތުން އެ ފްލެޓްތަކުގެ ވާހަކަ ނުފެންނަ ކަމަށް ޞާދިޤު ވިދާޅުވިއެވެ. މި އަހަރު ބޯހިޔާވަހިކަމަށް ފާސްކުރި 1.6 ބިލިއަން ރުފިޔާއިން، އަހަރު ނިމެން ދާއިރު ހޭދަކުރެވުނީ 600 މިލިއަން ރުފިޔާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫގެ ފެނުގެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކުރި ނަމަވެސް، އަދިވެސް ފެނަށް ޖެހިގެން ތިބި ރައްޔިތުން ތިބި ކަމަށް ޞާދިޤު ވިދާޅުވިއެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ ބަނދަރާއި، މަގާއި، ޓާމިނަލް ބިލްޑިންގ ފަދަ މައިގަނޑު މަސައްކަތްތައް ނިމިފައިވީ ނަމަވެސް، ޓާމިނަލަށް ބޭނުންވާ އާލާތްތަކާއި މެޝިނަރީއަށް ބަޖެޓެއް ނެތް ކަމަށް ޞާދިޤު ވިދާޅުވިއެވެ. އެއާޕޯޓު ފުރިހަމަ ނުވާ ކޮންމެ ދުވަހަކީ ދަތުރުވެރިންނަށް އުނދަގޫ ދުވަހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިތަދޫގައި ޑަޔަލިސިސް ހައްދަވާ ބަލިމީހުންނަށް އިންޖެކްޝަން ނުލިބޭ ކަމަށާއި، އައްޑޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލުގެ ކެޕިޓަލް ބަޖެޓް ކުޑަކޮށްފައިވާ ކަމަށް ވެސް ޞާދިޤު ވިދާޅުވިއެވެ.

މާލިއްޔަތު ވަޒީރަށް ފަސް ސުވާލު

ޞާދިޤު ވިދާޅުވީ މާލިއްޔަތު ވަޒީރުގެ ފަރާތުން ޖަވާބު ބޭނުންވާ ފަސް ސުވާލު އެބަހުރި ކަމަށެވެ. އެއީ، 8.2 ބިލިއަން ރުފިޔާގެ ޕީ.އެސް.އައި.ޕީގައި ރަށްރަށުގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ މިންވަރާއި ތަފްސީލު؛ ލިންކް ރޯޑު ފުޅާކުރުމާއި އައްޑޫ ބްރިޖަށް ކަނޑައަޅާފައިވާ ބަޖެޓް؛ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓު ނިންމުމަށް ބަޖެޓުގައި ހިމެނިފައިވާ މިންވަރު؛ 18.9 ބިލިއަން ރުފިޔާގެ ފައިނޭންސް ހޯދާނީ ކޮން ތަނަކުންކަން؛ އަދި ކޮންޓިންޖެންސީ ބަޖެޓުން 10 ޕަސެންޓް ކައުންސިލްތަކަށް ކަނޑައަޅާނެތޯ ކަމެވެ.

ޞާދިޤު ވިދާޅުވީ މެމްބަރުން ބަޖެޓަށް ވޯޓް ދޭންވާނީ ރައްޔިތުންނަށާއި ރައްޔިތުންގެ ޖީބަށް ވާ ކަމަކަށާއި، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ ގޮތަކަށް ބަލާފައި ކަމަށެވެ. "ރާއްޖެ ދަރަނިވެރި ކުރުވާކަށެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ޚަބަރު ޝެއާ ކުރައްވާ

މި ޚަބަރަށް ތިޔަބޭފުޅާގެ ޙިއްސު؟

ކޮމެންޓު

މި ޚަބަރަށް އަދި ކޮމެންޓެއް ނެތް.

ކޮމެންޓެއް ލިޔުއްވާ

ކޮމެންޓުތައް ޝާއިޢު ކުރެވޭނީ އެޑިޓަރަކު ބަލައި ފާސްކުރުމުންނެވެ. ގޯސް، ފުރައްސާރަ، ބަދުބަސް، ތުހުމަތު ނުވަތަ ސްޕޭމް ކޮމެންޓު ޝާއިޢު ނުކުރެވޭނެއެވެ.