ޚަބަރު

ބަޖެޓަށް ކިޔަންވީ "ކޯން ބަޖެޓް" ކަމަށް މީދޫ މެންބަރު ވިދާޅުވެއްޖެ

ސަރުކާރުގެ މަޝްރޫޢުތަކުގެ 70% އަންނަ އަހަރު ނިންމުމަށް 41.16 ބިލިއަން ރުފިޔާ ބޭނުންވާއިރު 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 8.2 ބިލިއަން ރުފިޔާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ވިދާޅުވެއްޖެ.

ފަޒްނާ މުޙައްމަދު · · ކިޔުމަށް 2 މިނިޓު

ޚަބަރު ޝެއާ ކުރައްވާ
އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން
އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ފޮޓޯ: ރައްޔިތުންގެ މަޖިލިސް

2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ކިޔަންވީ "ކޯން ބަޖެޓް" ކަމަށް އައްޑޫ މީދޫ ދާއިރާގެ މިނިވަން މެންބަރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެ.

މެންބަރު މިހެން ވިދާޅުވީ، 23 ނޮވެންބަރު 2026 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓާ މެދު ބަހުސްކުރަމުންނެވެ.

ކޮމިޓީން ބަޖެޓް ނިންމައިގެން އަންނާނީ ބަދަލުތަކާ އެކު ކަމަށް އުއްމީދުކުރި ނަމަވެސް، އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓް ފޮނުވާފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

"ނަމަވެސް، ބަޖެޓް ފާސްކުރަން ފޮނުވާފައި މި އޮތީ ސަރުކާރުން ސްޓޭމްޕް ޖަހަން ފޮނުވި ގޮތަށް. އެއްވެސް ބަދަލެއް ނެތި،" މެންބަރު ވިދާޅުވި އެވެ.

މެންބަރު ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ނޮވެންބަރު މެދާ ހަމައަށް ޚަރަދުވެފައިވަނީ 5.3 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 343.7 މިލިއަން ޑޮލަރު) އެވެ.

2027 ވަނަ އަހަރުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީ އަށް ހިމަނާފައިވަނީ 8.2 ބިލިއަން ރުފިޔާ އެވެ. ސަރުކާރުގެ އަޒުމަކީ ފެށިފައިވާ މަޝްރޫޢުތަކުގެ 70% 2027 ވަނަ އަހަރުގެ ނިޔަލަށް ނިންމުން ކަމަށް މެންބަރު ވިދާޅުވި އެވެ.

ސަރުކާރުން ސޮއިކޮށްފައިވާ އަދި ނުނިމި ހުރި މަޝްރޫޢުތައް ނިންމުމަށް 58.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު 2026 އޮކްޓޫބަރުމަހު މަޖިލީހަށް ވިދާޅުވި ކަމަށް މެންބަރު ވިދާޅުވި އެވެ. އެ ހިސާބުން 70% ނިންމުމަށް މަދުވެގެން 41.16 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

2028 ވަނަ އަހަރަށް ލަފާކޮށްފައިވަނީ 8.2 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރަށް 9.2 ބިލިއަން ރުފިޔާ ކަމަށް މެންބަރު ވިދާޅުވި އެވެ. ސަރުކާރަށް ބާކީ ހުރި 2 އަހަރުގައި މި މަޝްރޫޢުތައް ނިންމާނެ ގޮތެއް ނޭނގޭ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

"މިފަހަރު ބަޖެޓަށް ކިޔަންވީ ރިބަން ކަނޑާ ބަޖެޓެއް ނޫން. މިފަހަރު ބަޖެޓަށް ކިޔަންވީ 'ކޯން ބަޖެޓް' އިނގިރޭސި ބަހުން،" މެންބަރު ވިދާޅުވި އެވެ.

ކޮމިޓީ ރިޕޯޓާއި ބަޖެޓް ބަލައިލުމުން ދޭހަވީ ބަޖެޓަކީ "ކޯން އާޓިސްޓުންތަކެއް ހަދާފައި އޮތް ބޮޑު ސްކޭމެއް ގޮތަށް" ކަމަށް މެންބަރު ވިދާޅުވި އެވެ. ކުރިން ދެ އަހަރު ވެސް ހިނގީ މިގޮތަށް ކަމަށާއި، މަޖިލީހަށް ނަންބަރުތައް ޖަހައިގެން ފޮނުވަނީ ޑިއު ޕްރޮސެސް ފުރިހަމަކުރުމަށް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

ޚަބަރު ޝެއާ ކުރައްވާ

މި ޚަބަރަށް ތިޔަބޭފުޅާގެ ޙިއްސު؟

ކޮމެންޓު

މި ޚަބަރަށް އަދި ކޮމެންޓެއް ނެތް.

ކޮމެންޓެއް ލިޔުއްވާ

ކޮމެންޓުތައް ޝާއިޢު ކުރެވޭނީ އެޑިޓަރަކު ބަލައި ފާސްކުރުމުންނެވެ. ގޯސް، ފުރައްސާރަ، ބަދުބަސް، ތުހުމަތު ނުވަތަ ސްޕޭމް ކޮމެންޓު ޝާއިޢު ނުކުރެވޭނެއެވެ.