ޚަބަރު

"ވެރިކަން ހިންގުމަށް ބޮޑެތި ބަދަލު ގެންނަން ޖެހޭ": މޭޔަރު ނިޒާރު

ކުރީގެ ވަޒީރު އިލްޔާސް އިބްރާހިމްގެ ފަރުވާއަށް 150،000 ސިންގަޕޫރު ޑޮލަރު ދިނުމަށް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއާ މެދު، ވެރިކަން ހިންގާ ގޮތަށް ބޮޑެތި ބަދަލު ގެންނަން ޖެހޭ ކަމަށް މޭޔަރު ނިޒާރު ވިދާޅުވެއްޖެ.

އަޙްމަދު ޢަލީ · · ކިޔުމަށް 1 މިނިޓު

މި ޚަބަރު އިނގިރޭސިން

ޚަބަރު ޝެއާ ކުރައްވާ
އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ކުރީގެ ވަޒީރު އިލްޔާސް އިބްރާހިމްއަށް ފަރުވާއާ ގުޅޭގޮތުން އެހީވުމަށް 150،000 ސިންގަޕޫރު ޑޮލަރު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާއިރު، އެ ސިޓީ ހިއްސާކުރައްވައި ގައުމުގެ ވެރިކަން ހިންގާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

19 ނޮވެމްބަރު 2026 ގައި ފޮނުވާފައިވާ މި ސިޓީގެ ނަންބަރަކީ 1-CSO(NHPA)/13/2026/685 އެވެ. ސިޓީގައިވާ ގޮތުން، ޤާނޫނު ނަންބަރު 3/2006 ގެ 10 ވަނަ މާއްދާގެ ދަށުން، އިލްޔާސް އިބްރާހިމްގެ ފަރުވާއަށް އެހީވުމަށް 150،000.00 ސިންގަޕޫރު ޑޮލަރު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

މި ފައިސާއަކީ މިހާރުގެ ރޭޓުން ގާތްގަނޑަކަށް 116،000 އެމެރިކާ ޑޮލަރެވެ. ސަރުކާރުން ކަނޑައަޅާފައިވާ 15.42 ރުފިޔާގެ ރޭޓުން ހިސާބުކުރާއިރު، މި އަދަދަކީ ގާތްގަނޑަކަށް 1.79 މިލިއަން ރުފިޔާއެވެ. ބާޒާރުގައި ޑޮލަރު ވިއްކަމުންދާ 23.50 ރުފިޔާގެ ރޭޓުން ހިސާބުކުރާއިރު، މި އަދަދު 2.73 މިލިއަން ރުފިޔާއަށް އަރައެވެ.

"ރައީސުލް ޖުމްހޫރިއްޔާ ފިނޭންސް މިނިސްޓަރަށް ފޮނުއްވާ ސިޓީފުޅަކަށް 2 މިލިއަން ރުފިޔާ، މީހުންނަށް ދެވޭ ގައުމެއްގައި ދެންއިތުރަށް ނުހިގާނެ ވިޔާނުދާ އެހެންކަމެއް ނުވާނެ. މިގައުމުގެ ވެރިކަން ހިންގުމަށް ބޮޑެތި ބަދަލުގެންނަން ޖެހޭކަން ގަބޫލުކުރަން މަޖުބޫރު ވެއްޖެ."
އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު

މޭޔަރު ނިޒާރު މި ވާހަކަ ވިދާޅުވެފައިވަނީ އެ ސިޓީ ފޭސްބުކްގައި ހިއްސާކުރައްވަމުންނެވެ.

އިލްޔާސް އިބްރާހިމަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގެ ވަޒީރެކެވެ. އޭނާ ވަނީ ދިފާޢީ ކަންކަމާ ބެހޭ ސްޓޭޓް މިނިސްޓަރުގެ މަޤާމާއި، ހޯމް މިނިސްޓަރުގެ މަޤާމާއި، ހެލްތު މިނިސްޓަރުގެ މަޤާމުގައި ޚިދުމަތްކޮށްފައެވެ. އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި އެއާޕޯޓްސް ކުންފުނީގެ ވެރިޔާގެ މަޤާމުގައިވެސް އޭނާ ވަނީ ޚިދުމަތްކޮށްފައެވެ.

ޚަބަރު ޝެއާ ކުރައްވާ

މި ޚަބަރަށް ތިޔަބޭފުޅާގެ ޙިއްސު؟

ކޮމެންޓު

މި ޚަބަރަށް އަދި ކޮމެންޓެއް ނެތް.

ކޮމެންޓެއް ލިޔުއްވާ

ކޮމެންޓުތައް ޝާއިޢު ކުރެވޭނީ އެޑިޓަރަކު ބަލައި ފާސްކުރުމުންނެވެ. ގޯސް، ފުރައްސާރަ، ބަދުބަސް، ތުހުމަތު ނުވަތަ ސްޕޭމް ކޮމެންޓު ޝާއިޢު ނުކުރެވޭނެއެވެ.