ޚަބަރު

މޫލެކެޑެ ފިށިމަތި ކޮޑަގެދަރި މަގާ ހަމައަށް ހިއްކުމަށް ރޭވެމުންދަނީ

ހިތަދޫ މޫލެކެޑެ ފިށިމަތި ސަރަޙައްދުގެ ބިން ހިއްކުމުގެ ދެވަނަ ފޭސްގެ ތިމާވެށީގެ ހުއްދަ ލިބިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މަޖިލީހުގެ ކޮމިޓީއަށް ބުނެފި.

ފަޒްނާ މުޙައްމަދު · · ކިޔުމަށް 1 މިނިޓު

ޚަބަރު ޝެއާ ކުރައްވާ
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޞާދިޤު (ސޯބެ)
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން، އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ފިށިމަތި ސަރަޙައްދުގެ ބިން ހިއްކުމުގެ މަޝްރޫޢާ ބެހޭ ގޮތުން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްގެ އިސްވެރިންނާ ބުދަދުވަހު، 25 ނޮވެމްބަރު 2026 ގައި ބައްދަލުކޮށްފިއެވެ.

ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގެ މަޢުލޫމާތު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ފޭސްބުކްގައި ހިއްސާކުރައްވާފައިވެއެވެ. އެ ލިޔުމުގައިވާ ގޮތުން، އެ ސަރަޙައްދުގެ ބިން ހިއްކީ އެ ހިސާބުން ނުބައި ވަސް ދުވާތީއާއި، ފެންގަނޑު ލޮނުވެފައިވާތީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

"އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާއިރު، ރައްޔިތުންގެ ލާބައާއި މަންފާއާއެކު ތިމާވެށި ރައްކާތެރިކުރުމަކީ އަޅުގަނޑު އެންމެ އިސްކަންދޭ އެއް ކަންތައް"
ޢަބްދުﷲ ޞާދިޤު (ސޯބެ)، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު

ބިން ހިއްކުމުގެ ސަބަބުން ފެންގަނޑަށް އަންނަ ބަދަލުތައް މިހާތަނަށް ދިރާސާކޮށްފައި ނުވާ ކަމަށް މިނިސްޓްރީގެ ޓީމުން ބުނި ކަމަށް ސޯބެ ލިޔުއްވާފައިވެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ފިށިމަތި ހިއްކުމުގެ ދެވަނަ ފޭސްގެ ތިމާވެށީގެ އަސަރުތަކުގެ ދިރާސާ (އީ.އައި.އޭ) ގެ ހުއްދަ މިހާރު ލިބިފައިވެއެވެ. އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން، ފިށިމަތި އެއްކޮށް ކޮޑަގެދަރި މަގާ ހަމައަށް ހިއްކުމަށް ރާވަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ހިއްކާ ސަރަޙައްދުގެ ބޭރުގައި ހަދަން ހަމަޖެހިފައިވާ ބަފަރ ޒޯނުގައި ރަނޑޫ ގަސް ހެއްދުމަށް، އެ ސަރަޙައްދުގައި ނާސަރީއެއް ހަދާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިހާރު ހުރި ބޮޑެތި ރަނޑޫ ގަސްތައް ބަފަރ ޒޯނަށް ބަދަލުކުރެވޭތޯ ބަލާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ސަރަޙައްދުގެ ސްޓޯމް ވޯޓަރ ޑްރެއިނޭޖް ނިޒާމުގެ ޑިޒައިން މިހާރު ކުރަމުންދާ ކަމަށްވެސް މިނިސްޓްރީގެ ޓީމުން ބުނެފައިވެއެވެ.

މޫލެކެޑެ ފިށިމަތީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް، ކޮމިޓީގެ ތެރެއިންނާއި ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ގާތުން ބަލަމުން ގެންދާނެ ކަމަށްވެސް ސޯބެ ލިޔުއްވާފައިވެއެވެ.

ޚަބަރު ޝެއާ ކުރައްވާ

މި ޚަބަރަށް ތިޔަބޭފުޅާގެ ޙިއްސު؟

ކޮމެންޓު

މި ޚަބަރަށް އަދި ކޮމެންޓެއް ނެތް.

ކޮމެންޓެއް ލިޔުއްވާ

ކޮމެންޓުތައް ޝާއިޢު ކުރެވޭނީ އެޑިޓަރަކު ބަލައި ފާސްކުރުމުންނެވެ. ގޯސް، ފުރައްސާރަ، ބަދުބަސް، ތުހުމަތު ނުވަތަ ސްޕޭމް ކޮމެންޓު ޝާއިޢު ނުކުރެވޭނެއެވެ.